އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލަށް ސީދާކޮށް ނުވަތަ އެކުވެރި ހަނގުރާމަވެރި ޖަމާއަތްތައް މެދުވެރިކޮށް ނަމަވެސް ހަމަލާއެއް ދީފިނަމަ، އެކަން ވެގެންދާނީ އީރާނުން ހަދާ "ވަރަށް ބޮޑު ގޯހަކަށް" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފިއެވެ. ނަތަންޔާހޫ މިހެން ވިދާޅުވީ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަތަންޔާހޫ ވިދާޅުވީ އީރާނުން ބެލިސްޓިކް މިސައިލް ނުވަތަ ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ، އިސްރާއީލުން ދޭނެ ރައްދު ވަރަށް ވަރުގަދަ އަދި ނުރައްކާތެރި ވާނެ ކަމަށެވެ. އަދި އީރާނާއެކު އުފެދިފައިވާ މަޝްރަހާއި ހަނގުރާމައިގެ ހާލަތު ނިމުމަކަށް އަންނާނީ އީރާނުގެ މިހާރުގެ ރެޖީމް ވެއްޓިގެން ނުވަތަ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އަމިއްލައަށް ހުއްޓާލުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު އިސްރާއީލުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ނަތަންޔާހޫ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ދެވުނު ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ނިއުކްލިއާ ގާބިލުކަން އެތައް އަހަރެއް ފަހަތަށް ޖައްސާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާނެ އަސްކަރީ ފިޔަވަޅުތަކާމެދު ގޮތް ނިންމަވާނީ ރައީސް ޓްރަމްޕް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އިސްރާއީލާއި އެމެރިކާއިން ދީފާނެ ހަމަލާއަކަށް އީރާނުންވެސް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ އާންމުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް