ފޮޓޯ: އެކްސިޑެންޓްސް އެމްވީ، އެކްސް

މާލޭ ދެކުނު ފަރާތު ނެރުމައްޗަށް މިއަދު މެންދުރުފަހު ލޯންޗެއް އަރައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި، 20 މީހުންނާއެކު ދަތުރުކުރި މި ލޯންޗު އުރިގެން ހިނގި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:17 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އުދައަރަމުންދިޔަ ވަގުތު މާލެއަށް އެތެރެވާން އުޅުނު ހުދު ކުލައިގެ އެ ލޯންޗު ކޮންޓްރޯލް ނުވެ ގޮސް ނެރުމައްޗަށް އަރާ މަންޒަރެވެ. މި ހާދިސާގައި ލޯންޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކަށް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ޕާކިން ސަރަހައްދަށް އުދައަރަމުންދިޔަ ވަގުތެއްގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ސްކޫލު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޗުއްޓީ ނިންމައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް