ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ. މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ގަސްތައް ރާއްޖެއާ ރަމްޒީގޮތުން ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންއެވެ.
ރާއްޖޭގެ ފަރާތުން މި ގަސްތަކާ ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ތިން ވަޒީރުންވެސް ވަނީ ލޮނުޒިޔާރަތް ޕާކުގައި ރަމްޒީގޮތުން ގަސް އިންދަވައިދެއްވާފައެވެ. މިއީ މިހާތަނަށް ބޭރުގެ ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ. މީގެކުރިން އެންމެ ގިނައިން ގަސް ހަދިޔާކޮށްފައިވަނީ ލަންކާއިންނެވެ. އެއީ 1،000 ގަހެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ އެހީއެއް ފޯރުކޮށްދިނުމުން ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވައި، މީގެ ސަބަބުން 5 އަހަރު ތެރޭ 5 މިލިއަން ގަސް އިންދުމުގެ އަމާޒަށް ދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ މި ގަސްތަކުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެކަމަށް ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ ދެ ޤައުމަކީވެސް ތިމާވެށީގެ އަސަރު ފަސޭހައިންކުރާ ދެ ޤައުމު ކަމަށާއި، މި ހަދިޔާއިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.



