ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ އިންސްޕެކްޓަރުން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވައިލި "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވައިދު" އެކުލަވައިލައި، އެއަށް އަމަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކުރި މި ގަވައިދުގައި އިންސްޕެކްޓަރުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ ތަފުސީލު ވަނީ ހިމަނައިފައެވެ.
މި ގަވައިދުގެ ދަށުން، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭން ބޭރުކުރާ ކާބޯތަކެތީގެ އިތުރުން، ރާއްޖޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުމަކީ އިންސްޕެކްޓަރުންގެ ޒިންމާއެކެވެ. މީގެއިތުރުން، އާންމުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި، މަނާ ކާބޯތަކެތި ތަހުލީލުކޮށް ނިމެންދެން ހިފެހެއްޓުމާއި، އެފަދަ ތަކެތި ނައްތައިލުން ނުވަތަ އަނބުރާ ފޮނުވައިލުމުގެ ބާރުވެސް އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. އިންސްޕެކްޓަރުންނަށް އެމްއެފްޑީއޭއިން ރަސްމީ ފާހެއް ނުވަތަ ލިއުމެއް ދޫކުރަންޖެހޭނެއެވެ.
އިންސްޕެކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ހާސިލުކޮށްފައިވުމާއި، ބޭސިކް ފުޑް ސޭފްޓީ ތަމްރީނު ފުރިހަމަކޮށްފައިވުމުގެ އިތުރުން ދިވެހިބަހާއި އިނގިރޭސިބަހުން މުއާމަލާތުކުރަން އެނގުން ހިމެނެއެވެ. ނަމަވެސް އެމްއެފްޑީއޭގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވާ އިންސްޕެކްޓަރުން މި ޝަރުތުތަކުން އިސްތިސްނާވެއެވެ. އަދި އިންސްޕެކްޓަރެއްގެ މަސްލަހަތު ފުށޫއަރާ ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް އިންސްޕެކްޓްކުރުމުން ތަނާޒުލުވާންޖެހޭނެއެވެ.
އިންސްޕެކްޓަރުން ދޮގު މައުލޫމާތު ދިނުމާއި، މާލީ މަންފާއެއް ހޯދުމާއި، އިންސްޕެކްޓުނުކޮށް ލައިސަންސް ދިނުން ފަދަ އަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަވައިދުތައް އެކުލަވައިލުމާއި، މޮނިޓާކޮށް ޓެސްޓުކުރުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިންވެސް ފާހަގަކުރައްވާފައެވެ.



