ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީހުގެ ޚިދުމަތްތައް އެރަށު ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފިއެވެ. މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދެއްވާގޮތުގައި، މި ބަދަލާއެކު ކުޅުދުއްފުށި ސިޓީއިން ޕޯސްޓު ކުރުމާއި، ޕާރުސަލް ނެގުމާއި އަދި ޕޯސްޓުގެ އެހެނިހެން ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަލަށް ތަޢާރަފުކުރި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށްޓަކައި ކަސްޓަމަރުން ކިއުގައި މަޑުކުރަން ނުޖެހޭނެއެވެ. އަދި މޯލްޑިވްސް ޕޯސްޓުން ފޮނުވާ މެސެޖުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކަސްޓަމަރުންނަށް ފަސޭހަ ކޮންމެ ވަގުތެއްގައި ޕާރުސަލް ނެގުމުގެ ފުރުސަތު އޮންނާނެއެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ރަށްރަށަށާއި ސިޓީތަކުގެ އިތުރުން ރާއްޖެއިން ބޭރަށް ޕާރުސަލް ފޮނުވުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްފަދައިން އެ އޮފީސް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މި ބަދަލާއެކު ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ޚާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" މެދުވެރިކޮށް ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރަށް ރައްދުކޮށްދިނުމުގެ ޚިދުމަތްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ، އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ޚިދުމަތްތައް އަވަސްވެ، ޒަމާނީ ބަދަލުތަކާއެކު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.



