ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހަަރަކާތް ކުރިއަށްދާނީ މިރޭ 23:00 ހާއިރު މާލޭ އެއްނަންބަރު ފާލަމާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައެވެ. އަދި ގާތްގަނޑަކަށް 5 މިނެޓުގެ މުއްދަތަކަށް ކުރިއަށްދާ މި ހަވާ އެރުވުމަކީ މިނިވަން ދުވަހުގެ އުފާފާޅުކުރުމުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. ރާއްޖެއަށް އިނގިރޭސީންގެ އަތުން ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް ބޮޑު ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ހަވާ އެރުވުން އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައިގެންނެވެ. މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ކުރިއަށްގެންދިޔަ އެ ހަރަކާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ފާހަގަކޮށްލެވޭ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެއް ހަވާ އެރުވުމެވެ.



