ސިޔާސީ ބަދަލުހިފުމުގެ ރޫހުން ގައުމު މިނިވަންކޮށްދެވިއްޖެ: ރައީސް

އްޖޭގައި ޒަމާންތަކެއް ވަންދެން އޮތް ސިޔާސީ ބަދަލުހިފުމުގެ ނުރައްކާތެރި ރޫހާއި އަނިޔާވެރިކަމުގެ ސަގާފަތުން ގައުމު މިނިވަންކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަވެސް ކުރާ ކަމަކީ ކުރީގެ ރައީސުންނާއި އިދިކޮޅު ސިޔާސީ ލީޑަރުން ތަފާތު ބަހަނާތައް ދައްކައިގެން ޖަލަށްލުން ކަމަށާއި، ނަމަވެސް މި ސަރުކާރުގެ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން، ސިޔާސީ ބަދަލުހިފުމުގެ ރޫހު ނައްތާލުމަށް ވެވަޑައިގެންނެވި ވައުދު ފުރިހަމައަށް ފުއްދަވައިދެއްވާފައިވާކަން އެމަނިކުފާނު ފާހަގ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މީގެ ކުރިން ރާއްޖޭގައި ޑިމޮކްރަސީ ތަންފީޒު ނުކުރެވޭ މިންވަރަށް މިހާރު ވަނީ ސިޔާސީ ފުރުސަތުތަކާއި މިނިވަންކަން ފުޅާކޮށްދީފައެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިހާބުތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި ސްކޫލް ހޯލުތައް ފަސޭހަކަމާއެކު ހަމަޖައްސައިދެމުންދާއިރު، ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިން ހުއްދައަކާ ނުލައި އެއްވެވޭ ގޮތަށް އޮތީ އެންމެ ސަރަހައްދެއް ކަމަށްވިޔަސް، މިހާރު އެ ފުރުސަތު ފަސް ސަރަހައްދަކަށް ފުޅާކޮށްދީ، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ފުރިހަމައަށް ކަށަވަރުކޮށްދެވިފައިވާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް