މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭހާ ބެހޭ އާ ގަވައިދެއް ގެޒެޓް ކޮށްފިއެވެ.
މި ގަވައިދުގެ ދަށުން، ހުއްދައާ ހިލާފަށް ރާއްޖެއަށް ބޭސް އެތެރެކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ފަރާތެއްގެ ލައިސަންސް ނުވަތަ ހުއްދަ 14 ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ. އަދި ބޭސް ރަޖިސްޓްރީ ކުރުމުގައި ދޮގު މައުލޫމާތު ދީފައިވާނަމަ އެ ކުންފުންޏެއް ބްލެކްލިސްޓް ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވާއިރު، އެފަދަ ކުންފުނިތަކަށް އަލުން ރަޖިސްޓްރީވާން ހުށަހެޅޭނީ 6 މަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.
އާ ގަވައިދުގައިވާ ގޮތުން އާންމު ސިއްހަތަށް ނުރައްކާވާފަދަ ބޭސް ފޯރުކޮށްދިނުމާއި، ފާމަސީ ރަޖިސްޓްރީކުރުމަށްފަހު 6 މަސް ދުވަސް ތެރޭ ހިދުމަތް ނުފެށުން، ނުވަތަ ހުއްދަ ދިނުމަށްފަހު 3 މަސް ވަންދެން ފާމަސީ ނުހިންގާ ހުރުމުން ދޫކޮށްފައިވާ ހުއްދަ ބާތިލު ނުވަތަ ވަގުތީ ގޮތުން ހިފެހެއްޓޭނެއެވެ.
މީގެ އިތުރުން، ބޭސް ބަހައްޓާ ތަނުގެ ސާފުތާހިރުކަން ކުޑަވުމާއި ހުއްދަ ނެތް ފަރާތްތަކުން ބޭސް ދޫކުރުމުގެ މުއާމަލާތްތައް ކުރުމަކީވެސް ހުއްދަ ބާތިލުވާނެ ކަންކަމެވެ. އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރެވޭނީ ގިނަވެގެން 3 މަސް ދުވަހަށް ކަމަށްވާއިރު، މެޑިކަލް ރެކޯޑުތަކާއެކު ހުށަހެޅުމުން 6 މަސް ދުވަހުގެ ބޭސް އެތެރެކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ގަވައިދަށް އަމަލުކުރަން ފަށާނީ ގެޒެޓްކުރި ތާރީހުން ފެށިގެން 90 ދުވަސް ހަމަވުމުންނެވެ.




