ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 4 ބޭފުޅަކަށް

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 4 ބޭފުޅަކަށް އަރުވައިފިއެވެ.

މި ހަތަރު ބޭފުޅުންނަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތް އެރުވުނު 4 ބޭފުޅުން:

1. ޑރ. މުހައްމަދު ލަތީފް (މއ. ކިނބި، މާލެ)

2. އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާ (ހ. މީރުބަހުރުގޭއާގެ، މާލެ)

3. ހުސެއިން އަފީފް (މއ. ޗަމްޕާވިލާ، މާލެ)

4. މުހައްމަދު މޫސާ (މއ. ޗަމްޕާމާގެ، މާލެ)

ބޭފުޅުންގެ ޚިދުމަތްތަކުގެ ޚުލާޞާ:

 ޑރ. މުހައްމަދު ލަތީފް:

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޑރ. ލަތީފަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫންގެ ޒައާމަތުގައި ތަޢުލީމީ ވަޒީރުކަން ކުރެއްވި އިރު، ރާއްޖޭގެ ފުރަތަމަ އާއި ދެވަނަ އެޑިއުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލެއްވީ އޭނާގެ އިސްނެންގެވުމުގެ ދަށުންނެވެ. މީގެއިތުރުން، ޚާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވުމުގެ އިތުރުން އެންމެ ފަހުން އަދާކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގެ މަގާމެވެ.

 އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާ:

މިޞްރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، މަޖީދިއްޔާ ސްކޫލުގެ ހިސާބު މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ފެއްޓެވި އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ޢިލްމު ފެތުރުއްވުމާއި ދިވެހި ބަހުގެ ލިޔުންތެރިކަމަށް ބޮޑު ޚިދުމަތެއް ކުރެއްވި ބޭފުޅެކެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމާއި ހިންގެވުމުގައި އިސްކޮށް އުޅުއްވައި، އެކި ދާއިރާތަކުން މީހުން ބިނާކުރެއްވިއެވެ. ދީނީ 11 ފޮތް ތަރުޖަމާ ކުރައްވައި، 50 އަށްވުރެ ގިނަ ފޮތް ތަސްނީފު ކުރެއްވުމުގެ އިތުރުން ދީނީ ޕްރޮގްރާމްތައް ރެކޯޑުކޮށްދެއްވާފައިވެއެވެ. 43 އަހަރުގެ ދައުލަތުގެ ޚިދުމަތަށްފަހު 2018 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ރައީސް ކަމުގައެވެ.

 ޗަމްޕާ ހުސެއިން އަފީފް:

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަފީފަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ބިނާރުތައް ތަރައްޤީކުރެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ހޯއްދަވާފައިވާއިރު، މީގެ ކުރިން ސަރުކާރުން ވަނީ އޭނާއަށް ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ ލަގަބާއި ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް އަރުވާފައެވެ.

 މުހައްމަދު މޫސާ (އުއްޗު):

ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަނޑުވެރިކަމުގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާ މުހައްމަދު މޫސާއަށް ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ކުރެއްވި މަސައްކަތްޕުޅަށް ތިމާވެށީގެ "ފެހި ފަތް" އަރުވާފައެވެ. އަދި ދިވެހި ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ "ޓުއަރިޒަމް ގޯލްޑް" އެވޯޑުވެސް އަރުވާފައެވެ.

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1/97 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް