ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ދިވެހި ސަރުކާރުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިދިޔަ ފެބްރުއަރީ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވުމުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ތައުލީމީ ފުރުސަތުތައް ފުޅާކުރުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން ކުރާ މަސައްކަތްތަކުގެ އިތުރުން ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައެވެ.
މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒެވެ. ސައޫދީ ވަލީއަހުދުގެ މަންދޫބުވެސް ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.



