ރައީސް މުޢިއްޒު: މިނިވަންކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކީ ޤައުމީ ލޯބި

ޤައުމުގެ މިނިވަންކަން މަތީ ދެމިއޮތުމަށްޓަކައި ޤައުމީ ލޯބި އިސްކުރުމާއެކު އަމިއްލަވަންތަކަމަށް ފަޚުރުވެރިވުމާއި މުޖުތަމަޢުގެ ބަދަހިކަން އިންތިހާއަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއވެެ.

މިއަދު ފާހަގަކުރަމުންދާ 61 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައި ރައީސް ވަނީ، ދިވެހި މިންނެތް މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި އަމިއްލަ ފުރާނައިން ޤުރްބާންވި މަތިވެރި ބަތަލުންގެ ޚިދުމަތްތައް ހެޔޮ ދުޢާއާއެކު ޔާދުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާބަފައިން ނުރައްކާތެރި ހާލަތްތަކުގައި ފުރާނައިން ވެވި ތާރީޚީ ޤުރްބާނީތަކުން ހޯދައިދިން މިނިވަންކަން އަންނަންއޮތް ޖީލުތަކަށް ސާފުކަންމަތީ ރައްކާތެރިކޮށް ފޯރުކޮށްދިނުމަކީ މިއަދުގެ ހުރިހާ ދިވެހިންގެ މައްޗަށް އޮތް އެންމެ ބޮޑު ޤައުމީ މަސްއޫލިއްޔަތެވެ. މި ގުރުބާނީގެ އަގު ވަޒަންކޮށް، އެ މަސްއޫލިއްޔަތު އަދާކުރުމުގައި ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމާއި، އެކުވެރިކަމާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އެމަނިކުފާނު ނުހަނު ބާރުއެޅުއްވިއެވެ.

ނިންމަވާލައްވަމުން ރައީސް މުޢިއްޒު އިލްތިމާސްކުރެއްވީ، މިނިވަން ދުވަހުގެ މާތް މުނާސަބަތުން ޢިބުރަތް ޙާޞިލުކޮށް، އެއްބައިވަންތަކަމުގެ މަތިވެރި ސިފަތަކުން ސިފަލިބިގަނެގެން މިނިވަންކަމާއެކު ޤައުމީ ތަރައްޤީގައި ކުރިއަށްދިއުމަށެވެ. އަދި ކާމިޔާބީއާ ހަމައަށް ދެވޭނީ މަސައްކަތްތެރި، ހިންމަތްތެރި ރައްޔިތުންނަށްކަން ހަނދާންކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް