ބޮޑުތަކުރުފާނު މަގުގެ ބާކީ ބައި ނޮވެމްބަރުގެ ނިޔަލަށް ނިންމާލަނީ

ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ނުނިމި ހުރި ބައިތަކުގެ މަސައްކަތް، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާންމުކުރެއްވި ކުރެހުންތަކާއި ވީޑިއޯއިން ފެންނަ ގޮތުގައި، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައި ތަރައްގީކުރާއިރު، އުޅަނދުފަހަރު ކައިރިކޮށް މީހުންނަށް ފަސޭހައިން އެރޭނެ ގޮތަށް ކުދި ޖެޓީތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން މާލެއަށް ކައިރިކުރާ ލޯންޗުތަކުން އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ދަތުރުކުރަންޖެހޭ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅުތެރެ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޯގަސްޓް 21 ގައި ފެށިއިރު، އެމްއެމްއޭއިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތަރައްގީކުރި ބައިތައް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން މާލެ ވަށައިގެންވާ ރިންގް ރޯޑު އެއްކޮށް ފުރިހަމަވެގެންދާނެއެވެ. އަދި ކުރިން އަންދާޒާކުރި ވަރަށްވުރެ އަވަހަށް މަސައްކަތްތައް ކުރިއަށްދާތީ، އަންނަ މަހު ފަށާ ފަހު ފިޔަވަހިވެސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވަހީގައި 10،707 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި، 4 ލޭނަށް މަގު ފުޅާކޮށް ތާރުއަޅާފައިވާއިރު، މުޅި މަޝްރޫއަށް 220.3 މިލިއަން ރުފިޔާ ހަރަދުވެއެވެ. މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެތެރޭގެ މަގުތަކާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެއެވެ. މި މަޝްރޫއުތައް ނިމުމުން މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރަށް އިގްތިސާދީ އަދި އިޖުތިމާއީ ބޮޑު އިންގިލާބެއް އަންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް