ސިނަމާލޭ ބްރިޖު ހައިވޭގައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އަދި ބާރު ދުވެލީގައި ދުއްވި ތިން ސައިކަލެއް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވާފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވަން ތިބި މީހުން ސައިކަލު މަތީ ބަނޑު އަޅައި، އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވާފައިވާކަން ފާހަގަކުރެވެއެވެ. ފުލުހުން މިއަދު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ، މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އޭގެ ތެރެއިން ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ޖޫރިމަނާކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، މީހުންގެ ފުރާނައަށް ނުރައްކާވުމާއި މަރުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ. އަދި މިފަދަ ހާދިސާތަކުގައި ގިނައިން ހިމެނެނީ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައްކަމުގެ މައްސަލަތަކަށްފަހު މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކްސިޑެންޓުތަކާ ގުޅޭ 1,751 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފައެވެ.




