ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ބުދަ ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކެރީގެ އަސަރު ފޯރާނެއެވެ. އެ މުއްދަތުގައި ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވީ ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ އިރު، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ.
ނަމަވެސް، ބުދަ ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މެޓުން ވަނީ އިޝާރާތްކޮށްފައެވެ.
މި ދުވަސްވަރަކީ މިނިވަން ދުވަހުގެ ބަންދާއި ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް، ގިނަ އަދަދެއްގެ އާއިލާތަކުންނާއި އާންމުން ރަށްރަށަށާއި ރިސޯޓުތަކަށް ކަނޑުމަގުން ވަރަށް ގިނައިން ދަތުރުކުރާ ދުވަސްވަރެކެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ދަތުރުވެރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




