އެމްޓީސީސީން ކުޑަފަރި ސިއްހީ މަރުކަޒުގެ މަސައްކަތް ފަށައިގެން ކުރިއަށް

ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން އަދި ފޫޓިންގ ކާސްޓިންގގެ މުހިންމު މަސައްކަތްތަކެވެ. ޖުމްލަ 27.6 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 22 ޖުލައި 2025 ގައެވެ. މި އިމާރާތް ނިމުމުން ކުޑަފަރީގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ސިއްހީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ އައު ސިއްހީ މަރުކަޒުގައި ޒަމާނީ ފެންވަރުގެ އޯޕީޑީ ކޮޓަރިތަކާއި، އެމަރޖެންސީ ރޫމް، ލެބޯޓްރީ، އަދި އެޑްމިޓްކޮށްގެން ފަރުވާދޭނެ ވާޑުތަކުގެ އިތުރުން އިދާރީ މަސައްކަތްތަކަށް ހާއްސަ ޖާގަތައް ހިމެނޭނެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށް، އަތޮޅުތަކުގެ ރަށްރަށުގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން، ގިނަ ރަށްރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމާއި އައު އިމާރާތްތައް ބިނާކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް މިހާރުވެސް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ދަނީ ހިންގަމުންނެވެ.

މިފަދަ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ ކުދި އަދި ބޮޑެތި އާބާދީތަކަށް ތަފާތުކުރުމެއްނެތި، އަމިއްލަ ރަށުން ފެންވަރު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް