އިންޑިއާގެ ސުރުހައްދީ އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކުވި މައްސަލައިގައި ޒުވާނުންނާއި ދަރިވަރުން ފެށި އިހުތިޖާޖުތަކަށް މަސްދުވަސް ވެފައިވަނިކޮށް، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވައިފިއެވެ. މިއީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދޫދިން ފުރަތަމަ ބޮޑު ކާމިޔާބީއެވެ.
މިނިސްޓަރު ޕްރަދާން އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ އެކްސް (ކުރީގެ ޓްވިޓާ) ގައި އާންމުކުރެއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، ޖަންތަރު މަންތަރުގައާއި މުޅި ގައުމުގައި އުފެދިފައިވާ މަޝްރަހުގެ ފައިދާ ގައުމާ ދެކޮޅު ފަރާތްތަކުން ނެގިޔަނުދިނުމަށާއި، ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު މޯދީއަށް އަރުވާފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ މުސްތަގުބަލު ގާނޫނީ އޮޅުންބޮޅުންތަކެއްގެ ތެރެއަށް ވެއްޓުނަނުދީ، ކިޔެވުމަށް ސަމާލުކަން ދިނުމުގެ ފުރުސަތު ހޯދައިދިނުމަކީ އިސްތިއުފާ ދެއްވި މައިގަނޑު ސަބަބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއީ މަގާމުގެ އަބުރާ ގުޅިފައިވާ ކަމެއް ނޫން. ގައުމުގެ ޒުވާނުންނަކީ ގައުމުގެ ހަގީގީ ބާރު. ޖަންތަރު މަންތަރުގެ ހާލަތަށް ބަލައި، ގައުމާ ދެކޮޅު ފަރާތްތަކަށް މީގެ ފައިދާ ނެގުމުގެ ފުރުސަތު ނުދިނުމަށްޓަކައި އިސްތިއުފާ ސިޓީ މޯދީއަށް ވަނީ އަރުވާފައި." އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރާ ޕްރަދާން
މިނިސްޓަރު އިސްތިއުފާ ދެއްވި ހަބަރާއެކު، ނިއުދިއްލީގެ ޖަންތަރު މަންތަރުގައި މުޒާހަރާ ކުރަމުންދިޔަ ހާސްކުރާ ދަރިވަރުންނާއި ޒުވާނުން ވަނީ ބޮޑު އުފާފާޅުކުރުމެއް ބާއްވާފައެވެ. ނަމަވެސް، އިހުތިޖާޖު އިސްކޮށް އުޅޭ "ކޮކްރޯޗް" ހަރަކާތުގެ އިސްވެރިން ބުނެފައިވަނީ، މިނިސްޓަރު އިސްތިއުފާ ދެއްވި ނަމަވެސް އެމީހުންގެ މުޒާހަރާތައް އަދި ނުނިމޭ ކަމަށެވެ.
އެގޮތުން، އިމްތިހާނު ލީކުވުމުގެ ހާދިސާތަކާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް އެކެއް ކްރޯޑު ރުޕީސްގެ މާލީ ބަދަލެއް ދިނުމަށާއި، އިހުތިޖާޖުގެ ތެރެއިން ދަރިވަރުންނަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަޅަންދެން އިހުތިޖާޖުތައް ކުރިއަށްދާނެ ކަމަށް ސީޖޭޕީގެ ބާނީ އަބީޖީތު ދީޕްކޭ ވަނީ ވިދާޅުވެފައެވެ.




