އަމީނީ މަގުގައި އަޅާފައިވާ ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެމްޓީސީސީގެ ޖެނަރަލް މެނޭޖަރ އިބްރާހީމް ހަސަން ސާފުކޮށްދެއްވި ގޮތުގައި، މި މަރާމާތުގެ ދަށުން މަގުގެ ހަލާކުވެފައިވާ ބައިތައް ރަނގަޅުކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަނީ ބޮޑުވެފައެވެ.
ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ތާރުގަނޑު ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު، އެ ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ އަމީނީ މަގުގައި ތާރުއެޅުމުގެ މުޅި މަޝްރޫޢު ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.




