ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
ޖުމްލަ 5,280 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ހަފްލާގައި ސްރީލަންކާގެ ވަޒީރުންނާއި، ޕްރޮވިންސް ގަވަރުނަރުންނާއި، ނައިބު ވަޒީރުންގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި މަޝްހޫރު ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތު އެންޑް މީޑިއާ ޑރ. ނަލިންޑާ ޖަޓިއްސާއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ހަފްލާގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަހަރުގެ މެއި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސް، ގުޅުން އާލާވެގެންދިޔަ މުހިންމު ދަތުރުފުޅެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ހައި ކޮމިޝަނުން އިންތިޒާމުކުރި މި ހަފްލާގައި ރާއްޖޭގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް ވަނީ ހުށަހަޅައިދީފައެވެ. އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއި، ބަތްޕޮޅި ނެށުމާއި، މާފަތި ނެށުމުގެ އިތުރުން ދަނޑިޖެހުން ފަދަ ސަގާފީ ގިނަ އައިޓަމްތަކެއް މި ހަފްލާގައި ކުރިއަށްދިޔައެވެ.




