ހުޅުމާލެ ފޭސް 1 ގައި ބަނގުރާ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިނެޝް ކުމާރު މުރްގެސަން އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން މި ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި ވަނީ ފެނިފައެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އިތުރު 53 ފުޅި ފެނިފައިވާތީ، ޖުމްލަ 71 ފުޅީގެ ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ދީފައެވެ.




