ސަރުކާރުގެ ރަސްމީ ޕޭމަންޓް ޕޯޓަލް "ބަނޑޭރިޕޭ" އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަރާމާތުގެ މަސައްކަތަކަށް، ކުރިއަށް އޮތް ހަފުތާ ބަންދުގައި އެ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަރާމާތުގެ މަސައްކަތަށްޓަކައި މިރޭ 8:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:00 އާ ހަމައަށް ބަނޑޭރިޕޭގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަރާމާތުގެ މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ. އަދި ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ. ဘަނޑޭރިޕޭއަކީ ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ އެކި ބާވަތުގެ ފީތަކާއި ޖޫރިމަނާތައް އެއް ފުރާޅެއްގެ ދަށުން ލުއިފަސޭހަކޮށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީން ތައާރަފްކޮށްފައިވާ ޕޯޓަލެކެވެ.
މި ޕޯޓަލް މެދުވެރިކޮށް ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުގެ އިތުރުން، ފައިސާ ދެއްކިކަމުގެ ރަސީދު ވަގުތުން ހޯދުމާއި ޕޭމަންޓް ސްޓޭޓަސް ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ.



