ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެކަމުގައި ހުރި ގޮންޖެހުންތައް ގިރާކޮށް އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާނުންނަށް ޚާއްޞަކުރެއްވި މި އެޕިސޯޑުގައި އެމަނިކުފާނު ވަނީ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ގައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާފައެވެ.
އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުޅިވަރުގެ ދާއިރާއިން ކުރިން ނުދެކޭފަދަ ފުރުޞަތުތަކެއް މުޅި ރާއްޖެއަށް ފުޅާކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށްދާއިރު މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުންގެ އާމްދަނީ އިތުރުކުރުމާއި ވިޔަފާރީގެ ތެރޭގައި ބައިވެރިވުން ބޮޑުކުރުމަށް ސަރުކާރުން ތަޢާރަފުކުރާ ލޯނު ސްކީމްތަކާއި، އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ހުރަސްތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ރައީސް ހިއްސާކުރެއްވިއެވެ. މީގެއިތުރުން، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް އިސްކަންދީގެން ތަޢުލީމީ އަދި މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުން ކަމުގައި ވިދާޅުވަމުންނެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް، ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވޭ މި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެދެވޭ ރަނގަޅު ނަތީޖާއެއް ފެނިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.




