ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރެވުނު ސަރަހައްދު މިއަދު ހަވީރު 4:00 ގައި އާންމުންނަށް ހުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިއަދު ހަވީރުން ފެށިގެން އާންމުންނަށް ބޭނުންކުރަން ފެށޭނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދެވެ.

ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރުއެޅުމުގެ މި ބޮޑު މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. މަގު އާންމުންނަށް ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށް ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ބެހެއްޓުން ފަދަ ކުދިކުދި ފިނިޝިންގ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ބައެއް މިނިސްޓްރީތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދިޔަ ގަސްއިންދުމުގެ ބޮޑު ހަރަކާތާއެކު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މުޅިއެކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ. އެއްގަމު ތޮށި ކައިރީގައާއި، ހާއްސަކޮށް ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި އިންދާފައިވާ ދިވެހި ރުއްތަކުގެ އިތުރުން، ހޭޅިފަށުގެ ގަސްތަކާއި ބަގީޗާ މާގަސްތަކުން މިހާރު މުޅި މަގު ފެންނަނީ ނުހަނު ޗާލުކޮށެވެ.
މީގެއިތުރުން، މަގުގެ ހިތްގައިމުކަން ދެމެހެއްޓުމަށާއި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން މި ސަރަހައްދުގައި ޕާކްކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، ދުއްވާ ތަކެއްޗަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސައިކަލްތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.



