ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ. ކަސްޓަމްސުން މަޢުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މާލެ ކޮމާޝިއަލް ހާބަރުންނެވެ.
މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯންއެވެ. އަދި އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 3,110 ގްރާމް ހުރިއިރު، މިއީ މަގުމަތީ އަގަށް ބަލާއިރު 5.6 މިލިއަން ރުފިޔާގެ ތަކެތި ކަމަށް ކަސްޓަމްސުން ބުނެއެވެ.
މީގެއިތުރުން، މިދިޔަ ހޮނިހިރު ދުވަހުވެސް ކަސްޓަމްސުން ވަނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ ތަކެތި އަތުލައިގެންފައިވަނީ އިންޑިއާއިން އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އައި ދެ ފަސިންޖަރެއްގެ އަތުންނެވެ.



