ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން "ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީ" މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވެލަންޑް އެއާކްރާފްޓް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ދުނިޔޭގައި ޓްވިން އޮޓާ ބޯޓުތައް އެންމެ ގިނައިން ބޭނުންކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓެއް ތައާރަފްކުރާ ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވީ، އާ ޖީލުގެ މި ބޯޓުތަކުގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ. ކްލެސިކް 300-ޖީ މަރުކާގެ ބޯޓުތަކަކީ ކުރު ރަންވޭތަކުން ނައްޓާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، ޒަމާނީ އެވިއޮނިކްސް ސިސްޓަމްތަކާއި ފަސިންޖަރުންނަށް އިތުރު އަރާމު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިވުމުގެ ސަބަބުން ފަސިންޖަރުންނާއި މުދާ އުފުލުމުގެ ގާބިލުކަން އިތުރުވެ، އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެގެންދާނެއެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މިއީ ރިސޯޓުތަކަށާއި ރަށްރަށުގެ މުޖުތަމައުތަކަށް ދޭ ހިދުމަތް ރަނގަޅުކޮށް، ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. މޯލްޑިވިއަނުން މިހާރުވެސް 25 ބޯޓުގެ ފްލީޓެއް އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި 11 ޓްވިން އޮޓާ ބޯޓު ހިމެނެއެވެ.



