ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ސައްޙަނޫން މައުލޫމާތު ހިމަނައިގެން އިޝްތިހާރުކުރާ ކާބޯތަކެތި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އާންމުންނަށް މައުލޫމާތު އޮޅި، ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަން އެމްއެފްޑީއޭއިން ފާހަގަކުރެއެވެ.
ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މައުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގެ ދަށުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ. އެހެންކަމުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ ބައްޔަކަށް ފަރުވާލިބޭނެކަމަށް ދޭހަވާގޮތަށް، އަދި ހަގީގަތް އޮޅޭގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެކެވެ.
އެމްއެފްޑީއޭއިން ވަނީ ގަވާއިދާ އެއްގޮތަށް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އަންގާފައެވެ. އަދި ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެ ކަސްރަތުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.




