ސަރުކާރުން ކުރިއަށްގެންދާ އައު މަޝްރޫއުތަކާއެކު، ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި މުޖުތަމަޢުގައި ހިދުމަތްކުރުމުގެ ފުރުސަތު ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
"ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާހުކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހެއްދެވުން ކަމަށާއި، އެކަން ހާސިލްކުރުމަށްޓަކައި ހުރިހާ ރައްޔިތުންނަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުން ޑިޖިޓަލް ނިޒާމުތަކަށް އަހުލުވެރިވުމުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމީހުންގެ ހާލަތަށް ރިއާތްކުރުމެއް ނެތި، އެހެން މީހުންނާ އެއްހަމައެއްގައި ވަޒީފާ އަދާކޮށް މުޖުތަމަޢަށް ބޭނުންތެރި ހިދުމަތްތަކެއް ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ޔުނިވަރސިޓީތަކާއި، ކޮލެޖްތައް އަދި ކައުންސިލްތަކާ ގުޅިގެން ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ނިޒާމުތައް ބޭނުންކުރެވޭ ފެންވަރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
އޭގެ އިތުރުން، ދިވެހިން ޑިޖިޓަލް ދުނިޔެއަށް އަހުލުވެރިކުރުވުމަށްޓަކައި އެމްކިއުއޭ އާއި މައިންޑްކޯ ފަދަ މުއައްސަސާތައް ގުޅިގެން ކުރު މުއްދަތުގެ ތަމްރީނުތައް ފުރިހަމަކޮށް، ގައުމީ ފެންވަރުގެ ސެޓްފިކެޓެއް ހާސިލްކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ، އުފެއްދުންތެރި އަދި އިލްމީ އާބާދީއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ ތިން އަހަރުގެ ބޮޑު މަޝްރޫއެކެވެ.




