ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކޮށްފިއެވެ. ދިވެހި ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ހޫޘީން އެ ގައުމުގެ މައްޗަށް ކުރާ ތުހުމަތުތަކާއި، ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތް ކުރާ ކަމަށް ބުނާ ބުނުންތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ސައުދީގެ މި ނިންމުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަން ހާމަކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ. އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަނެއެވެ. އަދި ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރުވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިވެހި ޚާރިޖީ ވުޒާރާއިން ވަނީ ދީފައެވެ.




