ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، މާލެ ސަރަހައްދުގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯއިން މައުލޫމާތު ދޭ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ވަނީ ބަންދުކުރަން ޖެހިފައެވެ. މީގެ ސަބަބުން މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް އަސަރުކޮށް، ދުވަހުން ދުވަހަށް ދެމުން އައި ޚިދުމަތްތަކަށް ވަނީ ހުރަސްއެޅިފައެވެ.
އެ ކުންފުނިން މިހާރު ދަނީ ތިލަފުށީ ސައިޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް އިއާދަކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޚިދުމަތް ދޭ ހުރިހާ ސައިޓުތަކެއްގެ ހާލަތު ވަޒަންކޮށް، މި ހާދިސާގެ ސަބަބުން އާންމުންނަށް ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތްތަކަށް ޚިދުމަތްތައް ތަރުތީބުކުރަމުންދާ ކަމަށްވެސް ވެމްކޯއިން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.



