3 ދާއިރާއަކުން ޕީއެޗްޑީގެ އައު ކޯސްތަކެއް ފެށުމަށް އެމްއެންޔޫއިން ނިންމައިފި

ދިވެހި ސަޤާފަތާއި ތާރީޚު، ސޯޝަލް ސައިންސް އަދި ޤާނޫނީ ދާއިރާއިން ޕީއެޗްޑީގެ އައު ކޯސްތަކެއް ފެށުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ވަނީ ނިންމާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މާހުގެ އިންޓޭކުގައި ކަމަށެވެ.

އެމްއެންޔޫއިން އަލަށް ތަޢާރަފުކުރި ޕްރޮގްރާމްތަކުގެ ތެރޭގައި ޕީއެޗްޑީ 3 ކޯހަކާއި މާސްޓަރސްގެ 3 ކޯހެއް ހިމެނެއެވެ.

އަލަށް ތަޢާރަފުކުރި ޕީއެޗްޑީ ކޯސްތައް:

  • ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ

  • ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސް

  • ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ

އަލަށް ތަޢާރަފުކުރި މާސްޓަރސް ކޯސްތައް:

  • މާސްޓަރ އޮފް ރިސާޗް އިން އިންޖިނިއަރިންގ ސައިންސް

  • މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް

  • މާސްޓަރ އޮފް އާރޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް

ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، އަލަށް ފަށާ ކޯސްތަކަކީ ދިރާސާ ކުރުމާއި، ފަންނީ ތައުލީމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކޯސްތަކުގެ ސަބަބުން ރާއްޖޭއިން ބޭރަށް ނުގޮސް، ގައުމުގައި ތިބެގެން ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި އައު ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދު ވަނީ 18 އިން 21 އަށް އިތުރުވެފައެވެ. މި ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ކުރިއަށް އޮތްތަނުގައި ޔުނިވަރސިޓީގެ ރަސްމީ މަންސަތަކުން ހާމަކުރާނެ ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް