ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން އޮފިޝަން އިވެންޓްސް އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ކާނިވަލް ކުރިއަށްދާނީ މިޖުލައި މަހުގެ 24 އިން 31 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ޖުމްލަ 8 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކާނިވަލުގައި ހުރިހާ އުމުރުފުރާއަކާ ގުޅޭ ތަފާތު ގިނަ ކުޅިވަރުތަކާއި ހަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން، ތަފާތު ކާނިވަލް ގޭމްތަކާއި، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ، ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރު ސަރަހައްދުތަކުގެ އިތުރުން ތަފާތު ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ލައިވް މިއުޒިކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައްވެސް ކާނިވަލުގެ ތެރެއިން ފެނިގެންދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ކާނިވަލުގެ މައިގަނޑު މަގުސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އާއިލާތަކާއި އެކުވެރިންނަށް އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ގައުމީ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ އެ ކޯޕަރޭޝަންގެ ބޮޑު އަމާޒެކެވެ.




