މި ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވެ، ޑިޖިޓަލް ދާއިރާއިން ޤައުމީ ފެންވަރުގެ ގާބިލުކަން ބިނާކުރުން ކަމަށެވެ.
މީގެއިތުރުން، މިއީ ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް ނޫންކަމަށާއި، އުފެއްދުންތެރި އަދި ޒިންމާދާރު ޑިޖިޓަލް ޖީލެއް ބިނާކުރުމަށް ފެށުނު މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި ބޭރުގެ އެހީދޭ ޖަމާއަތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އައު ޓެކްނޮލޮޖީތަކަށް ރައްޔިތުން އަހުލުވެރިވުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފާހަގަކުރެއްވީ، ދުނިޔޭގެ ވިޔަފާރިތަކާއި ދައުލަތްތައް ހިންގުމުގެ އޮނިގަނޑު ހަލުވިކަމާއެކު ޑިޖިޓަލްވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށްޓަކައި ޑިޖިޓަލް އުމްރާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަންޖެހޭ ކަމަށެވެ.





