ރާއްޖޭގެ ފަރުތައް އާލާކުރުމާއި، އެ ނިޒާމުތައް މޮނިޓާކޮށް ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި ސައިންޓިފިކް އެހީތެރިކަން އެމްއެމްއާރްއައި އިން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ދެނެގަތުމަށް ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމާއި، ފަރުތައް މޮނިޓާކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުއަޑީގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ގުޅިގެން ކުރިއަށްގެންދާ މުހިންމު ފިޔަވަޅެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ބޮޑު އަމާޒަކީ މުރަކަ އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި މަސައްކަތުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.



