އަށް ގައުމެއްގެ ސަފީރުން ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައި އަރުވައިފިއެވެ.

ސަގާފީ "ހައިކޮޅު" ގައާއި އެމްއެންޑީއެފްގެ ބޭންޑުގެ އިހުތިރާމާއެކު މަރުހަބާ ދެންނެވި މި ބޭފުޅުންނަކީ ނަމީބިއާ، ޑޮމިނިކަން ރިޕަބްލިކް، ކިއުބާ، ފިޖީ، ކޮސޯވޯ، ސޯމާލިއާ، ސްލޮވީނިއާ އަދި ގަތަރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނެވެ.

ފަތްކޮޅު އެރުއްވުމަށްފަހު ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، ރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަން، ތިމާވެށި، ސިއްހީ ދާއިރާ، ތައުލީމު، އިގްތިސާދީ ކަންކަން، އިންވެސްޓްމަންޓް އަދި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވާހަކަދެކެވުނެވެ.

އާ އަށް ގައުމާއި މަޝްވަރާކުރެވުނު މުހިންމު ކަންތައްތައް:

  • ނަމީބިއާ: ފަތުރުވެރިކަން، ވިޔަފާރި، އިންވެސްޓްމަންޓް، މަސްވެރިކަން އަދި ސިއްހީ ދާއިރާ ތަރައްޤީކުރުން.

  • ޑޮމިނިކަން ރިޕަބްލިކް: ތިމާވެށި ރައްކާތެރިކުރުމާއި، "ބްލޫ އިކޮނޮމީ" އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ބައިނަލްއަޤުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުން.

  • ކިއުބާ: ސިއްހީ ދާއިރާ، މަތީ ތައުލީމު، ތަމްރީނު ޕްރޮގްރާމްތައް އަދި ކުޅިވަރުގެ ދާއިރާއިން (ޚާއްޞަކޮށް ވޮލީބޯޅަ) އެހީތެރިކަން ހޯދުމުގެ އިތުރުން އދ. ގައި ރާއްޖެއިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރުން.

  • ފިޖީ: ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުން.

  • ކޮސޯވޯ: ކޮސޯވޯއިން ދޭ ސްކޮލާޝިޕްތަކަށް ޝުކުރު އަދާކުރުމާއެކު، ތައުލީމު، ޒުވާނުންގެ ތަރައްޤީ، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުން.

  • ސޯމާލިއާ: އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުން.

  • ސްލޮވީނިއާ: ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް، ތިމާވެށި ރައްކާތެރިކުރުން، ދެމެހެއްޓެނިވި ތަރައްޤީ އަދި ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުން.

  • ގަތަރު: އިޤްތިޞާދީ ދާއިރާ، ފަތުރުވެރިކަން، އުމްރާނީ ތަރައްޤީ، މާލީ އެހީތެރިކަން، އިންވެސްޓްމަންޓްތައް އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުން.

މިއަދުގެ މި ރަސްމިއްޔާތުތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް