މީގެ ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހި ބާރަށް ފެތުރެމުންދާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 22 ކޭސް ވަނީ ފެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދު މިވަނީ 166 އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކުވެސް މިހާތަނަށް ވަނީ މަރުވެފައެވެ.
ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 9,918 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެ އެޖެންސީން އަންނަނީ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ގޮސް، ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހުމަށްވެސް ވަނީ އެދިފައެވެ.
މި ބަލި ފެތުރުމުގެ ބިރު ބޮޑުވެފައިވީ ނަމަވެސް، ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ މިއީ ރާއްޖޭގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ކުރު މުއްދަތެއްގެ ތެރޭގައި ގައިންގަޔަށް އަރާ ބައްޔަކަށް ވީނަމަވެސް، ބަލި ފަސޭހަވާން ނަގާ މުއްދަތުވެސް ކުރުވާނެއެވެ. ނަމަވެސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވަނީ، އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި ހިމަބިހި އެންމެ ގިނައީ މިހާރު ރާއްޖޭގައި ކަމަށެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށްވުމުން، ގިނަ ބަޔަކު ދަތުރުފަތުރުކޮށް އެކި ބޭނުންތަކުގައި އެއްތަންވުން ގިނަވާނެތީ، ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.




