ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އެއްހަމަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި އިރުޝާދު ދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް އުސޫލުތައް ބަދަލުކުރުމަށެވެ. މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކުގެ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ތަނަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމެވެ.
މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިޚްތިޔާރުކުރުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. މި ބަދަލުގެ ސަބަބުން މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށް މަގުފަހިވާނެކަމަށް އެއިދާރާއިން ފާހަގަކުރެއެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުންފުނިތަކުގެ އިތުރުގަޑީގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށް ޕީސީބީން ވަނީ އަންގާފައެވެ. އަދި އިސްލާހުކުރެވޭ އުސޫލުތަކަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އިތުރުގަޑީގެ ހަރަދުތައް ހަރުދަނާކުރުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި ހިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
ސަރުކާރު ކުންފުނިތަކަކީ ފައިދާގައި ހިންގާ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީން މީގެކުރިން ވަނީ އަންގާފައެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލުމަށްވެސް ކުންފުނިތަކަށް ވަނީ އިރުޝާދު ދީފައެވެ.




