ރާއްޖެއަށް މީގެ ކުރިން އެތެރެކުރި މަސްތުވާތަކެތީގެ ޕެކެޓްތަކެއް ކަސްޓަމްސް އިން އަތުލައިގެންފައި. -- ފައިލް ފޮޓޯ

އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުން 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި މި ތަކެތި ފެނިފައިވަނީ، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައި ހުއްޓާ ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ދެ ބާވަތެއްގެ ކެނަބިސްއެވެ. އެއީ 1،975 ގްރާމުގެ ކެނަބިސް އަދި 3،565 ގްރާމުގެ ކެނަބިސްއެވެ. ޖުމްލަ 5.5 ކިލޯއަށްވުރެ ގިނަ މި މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ އިތުރުން، އެ ތަކެތި ހިފައިގެން އައި އިންޑިއާގެ ދެ ފަސިންޖަރުން އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި، ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް މެދުވެރިކޮށް އެތެރެކުރަން އުޅޭ މަނާ ތަކެތި އަތުލައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަސްޓަމްސްއިން ދަނީ ބޯޑަރުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް