އަދަދު ނޫހުގެ ލީވާން އާއި ޝަހްޒާން

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން، ޝަރީއަތް ފެށެން ކުޑަތަންވެފައިވަނިކޮށް ފަހު ވަގުތު ކެންސަލްކޮށްފިއެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:15 ގައެވެ. ނަމަވެސް، މައްސަލަ ކެންސަލްކުރި ވަކި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އިސްތިއުނާފު މިއަދު ފަށަން ތައްޔާރުވީއިރު، ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ދެ ނޫސްވެރިންވެސް ވަނީ މިނިވަންވެފައެވެ. މި މައްސަލައިގައި ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

މި މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ:

  • ފަނޑިޔާރު ހުސެއިން މަޒީދު

  • ފަނޑިޔާރު ދީބާނާޒް ފަހުމީ

  • ފަނޑިޔާރު އިބްރާހީމް މާހިރު

ދެ ނޫސްވެރިން ޖަލަށްލާފައިވަނީ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރާ" (ވާހަކަދެއްކުން މަނާކުރާ އަމުރާ) ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް، އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާދީ ނެރެފައިވާ އޯޑަރެއް ނޫން ކަމަށް ހައިކޯޓުގެ ބެންޗަކުން ފަހުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ޖަލަށްލާން ހުކުމްކުރީ ސިއްރުން ބޭއްވި ޝަރީއަތެއްގައެވެ.

"ދެ ނޫސްވެރިންވެސް ހައްޔަރުކޮށް ޖަލަށްލީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ."ހުސައިން ފިޔާޒު މޫސާ ("އަދަދު" ނޫހުގެ ސީއީއޯ)

ނޫސްވެރިން ސިއްރު ޝަރީއަތެއްގައި ޖަލަށްލި މައްސަލައިގައި ބައިނަލްއަގުވާމީ ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް