ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އެ ޤައުމުގައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކުރުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ. މިކަން ރަސްމީކޮށް ހާމަކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.
ތައިލެންޑުގެ ކެބިނެޓުން އެ ޤައުމުގެ ވިސާ ޕޮލިސީ މުރާޖާކުރުމަށްފަހު މި ބަދަލު ގެނައުމަށް ނިންމާފައި ވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. މީގެ ކުރިން 19 މޭ 2024 ގައި ތައިލެންޑުން ނިންމާފައި އޮތީ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭނީ 15 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް، އަލަށް އަމަލުކުރަން ފަށާ މި ބަދަލާއެކު ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް އަދި މޯލްޓާގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭނެއެވެ.
މި ނިންމުމާ ގުޅިގެން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް ސިހާސަކް ފަންގްކެޓްކޯއާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ދެއްވި މި ލުއިފަސޭހައަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިއީ ތައިލެންޑަށް ގިނަ އަދަދަކަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ފަސޭހައެކެވެ.
ތައިލެންޑުގެ ވިސާ އުޞޫލަށް ގެނައި މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ، މި ނިންމުން އެ ޤައުމުގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ. އެހާތަނަށް ދިވެހިން ތައިލެންޑަށް ދަތުރުކުރުމުގައި އަމަލުކުރަމުންދާނީ މިހާރުވެސް އޮންނަ އުސޫލުގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ދިވެހިންނަށް ބޭރު ޤައުމުތަކަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ތައިލެންޑަކީ ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ޒިޔާރަތްކުރާ ޤައުމަކަށްވާތީ، މި ގެނެވުނު ބަދަލުގެ ސަބަބުން ގިނަ ދިވެހި އާއިލާތަކަކަށް ބޮޑު މާލީ އަދި އިދާރީ ލުޔެއް ލިބިގެންދާނެއެވެ.



