ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާ ރައީސަކު ޢައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މ. ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި އަމްޖަދު މުޞްޠަފާއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަކީ ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެގޮތުން އެބޭފުޅާ ވަނީ ޝަރީޢާއާއި ޤާނޫނުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރެއްވުމުގެ އިތުރުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފައެވެ. މީގެއިތުރުން، އިންތިޚާބުތަކާ ބެހޭ ކޮމިޝަނުގެ ނައިބު ރައީސްކަމާއި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ އަމްޖަދު މުޞްޠަފާއަކީ 2020 ވަނަ އަހަރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމު ފުރައްވާފައިވާ، އެ ދާއިރާގެ ޚިދުމަތުގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް