ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ވާދަކުރުމުގެ ބައިގައި ރަށްރަށާއި ސިޓީ ކައުންސިލްތަކަށް ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ މައުރަޒުގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމާއި، އަމިއްލަ ފަރުދުންގެ ތެރެއިން ބައިވެރިވާ ފަރާތްތަކަށް އެފަރާތެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ ކައުންސިލް މެދުވެރިކޮށް އެހީތެރިކަން ހޯދައިގެން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ދިނުމެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މައުރަޒުގެ އުސޫލަށް ގެނެވުނު އިސްލާހާއެކު، ކައުންސިލްތަކުން އަމިއްލައަށް ނުވަތަ އަމިއްލަ ފަރުދުންނާ ގުޅިގެން ހުށަހަޅާ އުފެއްދުންތަކަށް ލިބޭ މާކްސްއަށް ބަލައި، އެންމެ މަތިން މާކްސް ހޯދާ ފުރަތަމަ ތިން ކައުންސިލް ހޮވައި ވަނަ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިގްތިސާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި މައުރަޒުގައި ބައިވެރިވާން އެދޭ ކައުންސިލްތަކުން އޮގަސްޓް 31 ގެ ކުރިން މައުރަޒުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހެއެވެ. އަދި މައުރަޒާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އީމެއިލް ކުރުމަށް ނުވަތަ 3330601 ނަންބަރު ފޯނަށް ގުޅުއްވުމަށް އިކޮނޮމިކް މިނިސްޓްރީން ގުޅުމަށް ވަނީ އެދިފައެވެ.



