އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައި އެކުގައި މަސައްކަތް ކުރަން ބޭނުންވާކަން ހާމަކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އެންޑީ ބާންހަމްއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުޙަބާއާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އައު ބޮޑުވަޒީރާ މަތިކުރެވުނު މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ރައީސްގެ ސިޓީފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ތާރީޚީ ރަހުމަތްތެރިކަމުގެ ގުޅުމަށް ދިވެހި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. މި ގުޅުމަކީ ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވަމުން، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގައި އިނގިރޭސިވިލާތުން ވެދީފައިވާ މުހިންމު އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ދެ ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޮޑުވަޒީރު ބާންހަމްއާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް