ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"އަށް ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު ހޯލުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެކި ކްލަބް ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރިވެފައިވެއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި، އާދަކާދަތައް މުޖުތަމަޢުގައި އަލުން އާލާކޮށް ފެތުރުމަށްޓަކައި، ވީހާވެސް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.
މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ ދިވެހީންގެ ތެރޭގައި އޮތް އިސްލާމީ ރިވެތި އަދަބު އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި ސިފަތައް މުޖުތަމަޢުގައި އަލުން އަޝްތިހާރުކޮށް އަށަގަންނުވުމަށް ހިންގޭ މުހިންމު ޙަރަކާތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ލިބުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، ގަދަރުކުރާ އަދި މިފަދަ ރިވެތި ސިފަތަކުން ޖަރީވެ ޒީނަތްތެރިވެފައިވާ މުޖުތަމަޢަކަށް ބަދަލުކުރަންޖެހޭ. އަދި މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ރިވެތި ސިފަތައް އިތުރަށް އާލާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއެއް،" ވަޒީރު ހީނާ ވިދާޅުވިއެވެ.



