ދިއްދޫ 75 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. ދިއްދޫގައި ސަރުކާރުން ކުރިއަށްގެންދާ 75 ރޯހައުސް އިމާރާތްކުރުމުގެ މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 120 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އޮގަސްޓު 2022 ގައި ފެށި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަދިގެއާއި ފާހަނާތަކުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއަކީ ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަމަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ބޮޑު ހައްލެއް ހޯދައިދިނުމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައި އެކަށީގެންވާ ފެންވަރުގެ ބޯހިޔާވަހިކަން ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މުހިންމު އެއް މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ދެ ފަންގިފިލާގެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއް ހިމެނެއެވެ. އާއިލާތަކަށް އުފާވެރި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން، އެ ތަނުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށްޓަކައި އެ ސަރަހައްދު ވަށައިގެން ބައްތިޖަހައި އަލިކުރުމުގެ އިތުރުން، ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ޕާކަކާއި ވެހިކަލް ޕާކުކުރާނެ ޒޯނެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އިމާރާތްތަކުގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިމި، ކައިރި މުސްތަގުބަލެއްގައި މި ރޯހައުސްތައް އޭގެ ހައްގުވެރިންނާ ހަވާލުކުރެވި، ދިއްދޫގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް