ރ. ކިނޮޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ދިވެހި ސަރުކާރުން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ މަޝްރޫއެކެވެ.
"ޕްރިޕެއަރިންގ އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މި މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހަކަތައާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ނިޒާމުގެ ތެރޭގައި 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭއިރު، މިއިން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދައި، 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވުމާއެކު ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.
ސޯލާ ހައިބްރިޑް ނިޒާމުތައް އިފްތިތާހްކުރި ރަށްރަކަކީ:
- ރ. އަލުފުށި
- ރ. ވާދޫ
- ރ. ރަސްގަތީމު
- ރ. އަނގޮޅިތީމު
- ރ. މާކުރަތު
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އިނގުރައިދޫ
- ރ. ފައިނދު
- ރ. މީދޫ
- ރ. ކިނޮޅަސް
- ރ. ހުޅުދުއްފާރު
- ބ. ކުޑަރިކިލު
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ދަރަވަންދޫ
- ބ. މާޅޮސް
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ބ. ފުޅަދޫ
- ބ. ފެހެންދޫ
-

ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް ދިވެހި ސަރުކާރުން އިފްތިތާހުކުރުން-- ފޮޓޯ: ހަކަތާއި ބެހޭ ވުޒާރާ
މި އާ 25 ރަށާއެކު، ޕޮއިސްޑް މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 97 ރަށެއްގައި ހައިބްރިޑް ނިޒާމު ގާއިމުކޮށް، 19.8 މެގަވޮޓްގެ ސޯލާ ޕީވީ އަދި 20.6 މެގަވޮޓް އަވާގެ ބެޓަރީ ސްޓޯރޭޖް އަންނަނީ ބޭނުންކުރަމުންނެވެ. އިތުރު 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރަށް ނިންމުމަށް ވަނީ ރޭވިފައެވެ.
މިއީ 160 ރަށެއްގެ ޑީސަލް ނިޒާމުތައް ސޯލާ ހައިބްރިޑް ނިޒާމުތަކަށް ބަދަލުކުރުމުގެ މައިގަނޑު އަމާޒުގެ ދަށުން ކުރެވޭ މަސައްކަތެއްގެ އިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" ގެ ދަށުން ކަނޑައަޅާފައިވާ ގައުމީ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް ބޮޑު ބާރެކެވެ.



