މަސްވެރިޔާ ގެއްލުނު ސަރަހައްދު

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ، އެ ރަށުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި ސަލާމަތުން ވަނީ ފެނިފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ވަގުތުން އެ މީހާ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމުންގެ ޑިންގީއަކަށެވެ.

އެ މީހާ ފެނުމާއެކު، އަވަސް ސިއްހީ ފަރުވާ ދިނުމަށްޓަކައި ހެނދުނު 05:59 ހާއިރު ވަނީ ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، ފަރުވާ ދިނުމަށްފަހު އެ މީހާގެ ހާލު މިހާރު ރަނގަޅެވެ.

މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް