ހިޔާ ފްލެޓް-- ފޮޓޯ: ޕީއެސްއެމް ނިއުސް

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 20:40 އެހައިކަންހާއިރުއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މާރާމާރީއަކީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެކެވެ. އަދި މި ހާދިސާގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނެވެ. ނަމަވެސް، މި މާރާމާރީ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ގުރޫޕު މާރާމާރީތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން، ގުރޫޕު ހަދައިގެން ވަޅިން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި އިއްޔެ ވެސް ވަނީ ހަތަރު ޒުވާނަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކު މާރާމާރީ ހިންގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ހަމަނުޖެހުންތަކުގައި ގިނައިން ޒުވާނުންނާއި ކުޑަކުދިން ބައިވެރިވާތީ، މިފަދަ ކަންކަން ވަރަށް ގާތުން ބަލައި، މާރާމާރީތައް މަދުކުރުމަށްޓަކައި އެކި ފެންވަރުގައި މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް