މާފަންނު ދަނޑުގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ. މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި މަޝްރޫއަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގޭ ދަށުން، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ. އެގޮތުން، މި ދަނޑު ތަރައްޤީކުރުމަށް ބޭނުންވި ތަކެތި ފޯރުކޮށްދީފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. މި ދަނޑު ތަރައްޤީކުރުމުގެ މައިގަނޑު މަގުސަދަކީ މާލޭގެ ޒުވާނުންނަށް ކުޅިވަރު ކުޅެ، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމެވެ.

މި ދަނޑު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުސްޠަފާ އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ޒުވާނުންގެ ކުޅިވަރުގެ ހަރަކާތްތައް އިތުރުކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މިފަދަ ވަސީލަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މާފަންނު ދާއިރާގެ ޒުވާނުންނަށް އިޖުތިމާއީ ގުޅުން ބަދަހިކޮށް، ފުރިހަމަ މާހައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވިގެންދިޔަ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރާއި ކުންފުނިތައް ގުޅިގެން މުޖުތަމައުގެ ދުޅަހެޔޮކަމަށާއި ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޔަގީންކަން މި ރަސްމިއްޔާތުގައި ވަނީ ދީފައެވެ.




