މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް (އެމްޕީއެލް) އިން ޖުލައި 12 އިން 18 އަށް ހިނގި ހަފުތާގެ ތެރޭގައި ޖުމްލަ 1،804 ކޮންޓެއިނަރު ކްލިއަރ ކޮށްފިއެވެ.
މީގެ ތެރެއިން 1،453 ކޮންޓެއިނަރަކީ ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ކްލިއަރކުރި ތަކެއްޗެވެ. އަދި ބާކީ 351 ކޮންޓެއިނަރަކީ އާންމު މުދާ އުފުލާ ބޯޓުފަހަރުން ކްލިއަރކޮށްފައިވާ ތަކެއްޗެވެ. މިއާއެކު ކޮންޓެއިނަރު ބޯޓުފަހަރުން 41،753.59 ފްރައިޓް ޓަން އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2،179.98 ފްރައިޓް ޓަން ވަނީ ކްލިއަރކޮށްފައެވެ.
ވޭތުވެދިޔަ ހަފުތާގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 3 ބޯޓަކާއި އާންމު މުދާ އުފުލާ 3 ބޯޓު އައިސްފައިވާއިރު، ބަނދަރުން ވަނީ ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 4 ބޯޓު ފުރާފައެވެ. މި މުއްދަތުގައި ބަނދަރަށް ޖުމްލަ 2،028 ކޮންޓެއިނަރު ބާލާފައިވާ އިރު، 1،730 ކޮންޓެއިނަރު ވަނީ ބޭރުކުރެވިފައެވެ. އެހެންކަމުން މި ހަފުތާގައި ހިނގި ޖުމްލަ އޮޕަރޭޝަންތަކުގެ އަދަދަކީ 3،758 އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ކްލިއަރކުރި މުދަލުގެ ތެރޭގައި ގިނައީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 15،821 ބަސްތާ ފިޔާ، 15،530 ކޭސް ބިސް، 4،673 ބަސްތާ އަލުވި، 3،614 ކޭސް ޓޮމާޓޯ އަދި 2،112 ކޭސް ދޮންކެޔޮ މި މުއްދަތުގައި ވަނީ ކްލިއަރކޮށްފައެވެ.
އެމްޕީއެލްއިން ވިދާޅުވާ ގޮތުގައި، ކުންފުނީގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، މީގެކުރިއާ އަޅާބަލާއިރު މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ އެތައް ގުނައަކުން ކުޑަވެފައެވެ.




