މި ދުވަސްކޮޅު އެކި އެކި ޖަމާއަތްތަކުގައާއި އަމިއްލަ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4,000 އަށްވުރެ ގިނަ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އުމްރާއަށް ގޮސްފައިވާ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މި އަހަރުގެ ސްކޫލު ފުރަތަމަ ޗުއްޓީއާއި ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގެ ދިގު ބަންދާ ދިމާކޮށް، ގިނަ އަދަދެއްގެ ދިވެހީން ވަނީ އުމްރާއަށް ގޮސްފައެވެ. ފާއިތުވި ސްކޫލު ބަންދުގައި ވެސް 7,000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފައިވާއިރު، ބަންދުތަކާ ދިމާކޮށް އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި ވަރަށް އާންމު އަދި މަގުބޫލު ކަމެކެވެ.
މިފަހަރު ދިވެހިން އުމްރާއަށް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގުރޫޕުތަކުގެ ހަވާލުގައެވެ.
އުމްރާ ގުރޫޕުތަކުން ހަރަކާތްތެރިވާ ފެންވަރު ރަނގަޅުކޮށް، އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ގިނަ ޚިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި:
-
ހައި ސްޕީޑް ރޭލު: މައްކާ އާއި މަދީނާއާ ދެމެދު ހައި ސްޕީޑް ރޭލުގައި ދަތުރުކުރުމުގެ އިންތިޒާމު.
-
ދިވެހި ކެއުން: ދަތުރުގެ ބައިވެރިންނަށް ދިވެހި ރަހަތައް ހިމެނޭ ގޮތަށް ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސުން.
-
ޞިއްޙީ ޚިދުމަތް: އުމްރާވެރިންގެ ޞިއްޙީ ކަންކަމަށް ޚާއްޞަކޮށްގެން 24 ގަޑިއިރު ކްލިނިކްގެ ޚިދުމަތް ދިނުން.
-
ޚާއްޞަ ހަރަކާތްތައް: އާއިލާތަކާއެކު ދާ ކުޑަކުދިންނަށް ޚާއްސަކޮށްގެން ދީނީ ހަވީރު ފަދަ ހަރަކާތްތައް ހިންގުން.
ގުރޫޕުތަކުގެ އިތުރުން، އަމިއްލައަށް ވިސާ ނަގައިގެން އުމްރާއަށް ދިއުމުގެ އައު އާދައެއް ވެސް މިހާރު ވަނީ އާލާވާން ފަށާފައެވެ. ސައޫދީ އަރަބިއްޔާއިން އޮންލައިންކޮށް ފަސޭހައިން ޓޫރިސްޓު ވިސާ ދޫކުރަން ފެށުމާއެކު، ގުރޫޕުތަކަށް ބަރޯސާނުވެ އަމިއްލަ އިންތިޒާމުތަކުގެ ދަށުން އާއިލާތަކުން ދަނީ ދަތުރުކުރަމުންނެވެ. މިގޮތަށް ދިއުމުން ދަތުރުގެ ޚަރަދު ކުޑަވުމާއި، އަމިއްލަ އިޚުތިޔާރުގައި ދަތުރުގެ ކަންކަން ރޭވުމުގެ މިނިވަންކަން ލިބޭތީ، ޚާއްސަކޮށް ޒުވާނުންގެ މެދުގައި މި ގޮތް ވަރަށް މަގުބޫލެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، އެކި އެކި ޖަމާއަތްތަކުގައާއި އަމިއްލަ ގޮތުން އުމްރާއަށް ގޮސް ތިބި ހުރިހާ ދިވެހި އުމްރާވެރިންގެ ހާލުވެސް މިހާތަނަށް ވަރަށް ރަނގަޅެވެ.



