ގުރޫޕު ހަދައިގެން ވަޅިން މާރާމާރީ ހިންގަން އުޅުމާއި ތޫނު հަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ހަތަރު ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އެންމެންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް އިއްޔެ ޖަހައިދީފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ދެއްވަދޫ، ނަރުގިސްވިލާ، އުމުރުން 30 އަހަރުގެ ހައިޝަމް ހުސައިން އާއި، ގދ. ފިޔޯރީ، ފިނިވިލާގޭ، އުމުރުން 34 އަހަރުގެ އަޙްމަދު ރަޝީދު އެވެ. މީގެ އިތުރުން ގއ. ދާންދޫ، އަރޫރާގޭ، އުމުރުން 21 އަހަރުގެ އިބްރާހިމް ތޫހީން އަޝްރަފް އަދި ކ. މާލޭ، ދަފްތަރު ނަމްބަރު ރސ 2260، އުމުރުން 32 އަހަރުގެ މައުސޫމް މުޙައްމަދު ދީދީ ވެސް މި ހާދިސާއާ ގުޅިގެން ވަނީ ހައްޔަރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި ހަތަރު މީހުންނަކީ ވެސް ކުރިން ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. ޚާއްޞަކޮށް މީގެ ތެރޭގައި ހިމެނޭ އިބްރާހިމް ތޫހީން އަޝްރަފަކީ އޭނާގެ އުމުރުން 18 އަހަރު ނުވަނީސް ވެސް ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މިއީ ގިނަ ބަޔަކު ރާވައިގެން ހިންގަން އުޅުނު މާރާމާރީއެއް ކަމަށް ބެލެވޭއިރު، އެ މީހުން ތިބި ތަނުން ދެ ވަޅި ފެނިފައިވާ ކަމަށް މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ބުނެފައިވާކަން އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މާރާމާރީއަކީ ގިނަ ބަޔަކު ބައިވެރިވެގެން ކުރިން ރާވައިގެން ހިންގުމަށް ތައްޔާރުވެފައިވާ ނުރައްކާތެރި ޢަމަލެކެވެ.



